އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއްގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ދާއޫދުގެ ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ނާޒިމް ހުށަހެޅުއްވި ރިޕޯޓެއްގައި، ދާއޫދުގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އަދި ދާއޫދުގެ އަމިއްލަ އެކައުންޓަށްވެސް ގޮތް ނޭނގޭ ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި ތުހުމަތުތައް ދޮގުކޮށް، ދާއޫދުގެ ގާނޫނީ ވަކީލުން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ އެއްވެސް ފައިސާއެއް ވަދެފައި ނުވާނެ ކަމަށެވެ.
އަދި ”އެމްއެމްޕީއާރުސީއާ ގުޅޭ އެއްވެސް ފައިސާއެއް ދާއޫދަށް ލިބިފައި ނުވާކަން ދައުލަތުގެ ފަރާތުން ކުރިއަށް ގެންދިޔަ ތަހުގީގުތަކުންނާއި ތަހުގީގަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާންތަކުން އެނގި ސާފުވާނެ“ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދާއޫދުގެ ވަކީލުން އިތުރަށް ބުނެފައިވަނީ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ޒިންމާދާރު އޮފިސަރަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމަކީ ރައްޔިތުންގެ މެދުގައި ތަންފީޒީ އިދާރާތަކާ މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދާއޫދު މިއަދުން ފެށިގެން ޗުއްޓީއަކަށް ވަޑައިގެންފައިވާއިރު، ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ދާއޫދާ މެދު އިތުރު ފިޔަވަޅެއް އަޅާފައިވާކަން އަދި ސާފެއް ނުވެއެވެ.




