ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 2 އަހަރާއި ބައިގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިލަންދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށެވެ.
އަދި މި މަޝްރޫޢަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ނިންމާފައިވަނީ ރަށަށް އިތުރު 40 ހެކްޓަރުގެ ބިން އިތުރުކޮށްގެންނެވެ. މި ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. އެއަރޕޯޓު އެޅުމަށްޓަކައި ރަށުގެ މިހާރުގެ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނެއެވެ.
”އެމްއޭސީއެލްއާއެކީގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއަރޕޯޓު އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިމެނިފައި އޮންނާނީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. ”މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން، ބަނދަރު ބަދަލުކުރުމާއި އައު ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް މިރަށުގެ އެއަރޕޯޓު ހަދައި އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން.“ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، މިލަންދޫގެ ތަރައްޤީއަށް އެހެން މުހިންމު މަޝްރޫޢުތަކެއްވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް، 30 އެނދުގެ ހޮސްޕިޓަލެއް އަދި 4 ބުރީގެ ފުލުހުންގެ މަރުކަޒެއް ހިމެނެއެވެ.
އަދި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމާއި، އަލަށް ހުޅުވުނު ކުޅިވަރު ވަސީލަތްތަކަކީވެސް ރަށުގެ ތަރައްޤީއަށް ކުރިއަށްއެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.



