ބޮލީވުޑްގެ އެކްޓަރު ޕަންކަޖް ދީރް މަރުވެއްޖެއެވެ.
68 އަހަރުގައި އޭނާ މަރުވީ، ކެންސަރަށް ފަރުވާ ހޯދަމުންދާތާ ގިނަ ދުވަސްތަކެއްވީ ފަހުން ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ޕަންކަޖަކީ ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި ފާހަގަކޮށްލެވޭ ދައުރެއް އަދާކޮށްފައިވާ އެކްޓަރެކެވެ. އޭނާގެ އެންމެ މަޝްހޫރު މަސައްކަތްތަކުގެ ތެރޭގައި ސަލްމާން ޚާންގެ ”ސަނަމް ބޭވަފާ“، ބޮބީ ޑިއޯލްގެ ”ސޯލްޖާ“، ޝާހްރުކް ޚާންގެ ”ބާދުޝާ“ އަދި ސަންޖޭ ދަތުގެ ”ސަޅަކް“ ފަދަ ފިލްމުތައް ހިމެނެ އެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2013 ވަނަ އަހަރު ރިލީޒްކުރި ”މަހާބާރަތު އޯރް ބަރްބަރީކް“ އެވެ.
ޓީވީ ދާއިރާގައި ވެސް ޕަންކަޖް ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރެއިން ”މަހާބާރާތު“ އަކީ އެންމެ މަޝްހޫރު އެއް އުފެއްދުމެވެ. އޭނާގެ އެންމެ ފަހުގެ ޓީވީ މަސައްކަތަކީ ސޮނީ ސަބް ޓީވީން މިދިޔަ އަހަރު ނިންމައިލި ”ދުރޫވް ތާރާ: ސަމޭ ސަދީ ޕަރޭ“ އެވެ. އަދި 2014 ވަނަ އަހަރު ރިލީޒްކުރި ”މައި ފާދާ ގޯޑްފާދާ“ އަކީ އޭނާގެ ކެރިއަރުގައި ޑައިރެކްޓްކުރި ހަމައެކަނި ފިލްމެވެ.
ޕަންކަޖްގެ ދަރިފުޅު ނިކިތިން ދީރް އަކީ ވެސް ބޮލީވުޑްގެ އެކްޓަރެކެވެ. ނިކިތިން އާންމުކޮށް ކުޅެނީ ސަޕޯޓިން ރޯލުތަކާއި ވިލަން ދައުރުތަކެވެ.
އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ދަބަންގް 2″، ”ޗެންނައި އެކްޕްރެސް“، ”ސޫރިއަވަންޝީ“ އަދި ”ހައުސްފުލް 5“ ހިމެނެއެވެ.



