ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް މިއަދު ވަޑައިގެންފިއެވެ.
ރައީސް ފުނަދޫއަށް ވަޑައިގެންނެވުމާއި ގުޅިގެން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ފުނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ އެންމެ އިސް ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ރޭވިފައެވެ.
މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރޭވިފައެވެ.




