މަރޮށީ ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ހަމަކޮށް ސައުވީސް ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި އަންނަ އަހަރު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރޮށީ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި މަރުކަޒަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބޭނުންވާ ފައިސާ ހިމަނުއްވާނެ ކަމަށެވެ. އަދި މުވައްޒަފުން ލިބި ހަމަވުމުން މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން ރައީސް ވަނީ މަރޮށީގައި ކުރިއަށްދާ އެހެނިހެން ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން 14.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަންނަ ދިރާސީ އަހަރު ފެށުމުގެ ކުރިން މަރޮށީ ސްކޫލްގެ ކްލާސްރޫމްތަކާއި ސްޓާފްރޫމްތަކުގެ އިތުރުން ހޯލުވެސް އޭސީ ކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މަލްޓިޕަރޕަސް ހޯލެއް އެޅުމަށް ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަގުހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަޝްރޫޢުގެ ސްކޯޕް ބަދަލުކުރުމުގެ ގަވާއިދުގައި އޮންނަ އެންމެ ބޮޑު މިންވަރަކަށް އިތުރު ގޯޅިތަކާއި މަގުތައް ހިމަނުއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި މަރޮށީ ރައްޔިތުން ވަނީ، ޒަމާނުއްސުރެ އެރަށަކީ އަޅާނުލާ ދޫކޮށްލެވިފައިވާ ރަށެއްކަން ފާހަގަކޮށް، މިހާރު ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަވައިދެއްވުމަށް އެދިފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.




