ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ނަމާދަށް ފަރުވާތެރިވުން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނިގޮތުގައި، ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުންކަމަށާއި، އިސްލާމްދީން ބާވައިލެއްވުމަށްފަހު، އެންމެ ފުރަތަމަ ފަރުޟު ކުރެއްވި އަޅުކަމަކީ ނަމާދެވެ.
މިއީ ބާލިޣުވެ، ބުއްދި ސަލާމަތުން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ވަނީ ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުން، މުއްސަނދިންނާއި ފަގީރުން، ދުޅަހެޔޮ ސިއްހަތެއްގައި ތިބި މީހުންނާއި ބަލިމީހުން، އަދި ދަތުރުވެރިންނާއި ރަށުގައި ގާއިމުވެ ތިބޭ މީހުންގެ މައްޗަށް ވެސް މެއެވެ.
”އަހަރެމެންނާ އެބައިމީހުންނާ ދެމެދުގައިވާ އަހުދަކީ ނަމާދެވެ. އެ ނަމާދު ދޫކޮށްލާ މީހާ ހަމަކަށަވަރުން ކާފިރުވެއްޖެއެވެ“ ނަބިއްޔާގެ ހަދީޘްފުޅެއް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާގައި ފާހަގަކުރި ގޮތުގައި ނަމާދަކީ ނަބިއްޔާ ﷺ އުއްމަތަށް ކުރެއްވި އެންމެ ފަހު ވަސިއްޔަތްޕުޅު ވެސް މެއެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި އޮންނެވި އިރު ވެސް ހޭފުޅު އަރާ ކޮންމެ ފަހަރަކު ސުވާލުކުރެއްވީ މީސްތަކުން ނަމާދުކޮށްފައިވޭތޯއެވެ.
ހުތުބާގައި ބުނީ، ނަބިއްޔާ ﷺ ގެ ސަހާބީންނަށް ނަމާދު ދޫކޮށްލުން ފިޔަވައި އެހެން އަޅުކަމެއް ދޫކޮށްލައިގެން މީހަކު ކާފިރުވާނެކަމަކަށް ޙަދީޘްނުކުރައްވާ ކަމަށެވެ. މިކަމުން ދޭހަވަނީ ނަމާދުގެ މުހިންމުކަމާއި، އެ އަޅުކަން ދޫކޮށްލުމުގެ ނުރައްކާތެރިކަން ކަމަށް ހުތުބާގައި ބުންޏެވެ.
ނަމާދަކީ ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ބަޔާންކުރައްވައިފައިވާ އަޅުކަން ކަމަށާއި، ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނޭ އަޅުކަމަކީ ވެސް ނަމާދުކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނިގޮތުގައި ކޮންމެ ހުކުރު ދުވަހެއްގައި މިންބަރުމަތީ ހުރެ އިމާމު މީހާ މުޅި އުންމަތަށް ވެސް ގޮވައިލަނީ ނަމާދުތަކަށް ރައްކާތެރިވުމަށެވެ. ނަމާދުތަކަށް ފަރުވާތެރިވުމަށެވެ. މިސްކިތްތަކުން ކޮންމެ ދުވަހަކު ފަސް ފަހަރު ބަންގީގައި ގޮވައިލެވެނީ ކާމިޔާބު ހޯދުމަށާއި ނަމާދަށް އަވަސްވެގަތުމަށެވެ.
ވީމާ الله سُبْحَانَهُوَتَعَالَىގެ މި ނިދާއަށް އިޖާބަދީ ފަލާޙާއި ކާމިޔާބުގެ އަހުލުވެރިޔަކަށްވާން މަސައްކަތްކުރުމަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.



