އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކާ ގާތްކޮށްފައެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އިންޑިއާއިން 99،379 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި 95،326 ފަތުރުވެރިންނާ އަޅާބަލާއިރު 4.2 އިންސައްތައިގެ އިތުރުވުމެކެވެ.
އިންޑިއާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިފަހުން އެންމެ ގިނަ އަދަދަކަށް އިންޑިއާއިން ފަތުރުވެރިން އައިސްފައިވަނީ 2023 ވަނަ އަހަރުއެވެ. އެއަހަރު އެޤައުމުން 209،193 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ޓުއަރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 282،682 ފަތުރުވެރިން، ރަޝިއާއިން 211،263 ފަތުރުވެރިން، އިނގިރޭސިވިލާތުން 151،217 ފަތުރުވެރިން، ޖަރުމަނުވިލާތުން 124،777 ފަތުރުވެރިން އަދި އިޓަލީވިލާތުން 155،832 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަހަރުގެ މިހާތަނަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް އިތުރު 5 ލައްކަ ފަތުރުވެރިން ބޭނުންވެއެވެ.



