ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް ދައުލަތުން އެދިއްޖެއެވެ.
މަރުގެ ހުކުމް ހަސީނާގެ މައްޗަށް އިއްވަން ބަންގްލަދޭޝް ދައުލަތުން އެދުނީ، މިދިޔަ އަހަރު ހިނގި މުޒާހަރާތަކުގައި 1،400 އެއްހާ މީހުން މަރުވުމާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ގަތުލުއާންމު ހިންގުމުގެ ދަޢުވާއާގެ އަޑުއެހުމުގައެވެ.
އިއްޔެ ބޭއްވުނު އަޑުއެހުމުގައި ދައުލަތުގެ އިސް ވަކީލު ތާޖުލް އިސްލާމް ވިދާޅުވި ގޮތުގައި، ސާދަސަތޭކަ މީހުންގެ މަރުގެ ހުކުމް އިއްވަން ޖެހޭ ކަމަށެވެ. އަދި ހަސީނާ ހިންގެވި ލާއިންސާނީ ޖަރީމާތަކުގެ އަދަބެއްގެ ގޮތުން، އިންސާނިއްޔަތަށްޓަކައި ވެސް އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވެފައިވަނީ ހަސީނާގެ އަމުރަށް ސަލާމަތީ ބާރުތަކުން މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގެ ތެރޭގައެވެ. މި އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ އާންމު ރައްޔިތުންގެ މައްޗަށް ބަޑިޖަހާފައެވެ.
ހަސީނާގެ މައްޗަށް ކުރެވޭ ދަޢުވާތަކަށް އޭނާ އިންކާރު ކުރައްވާފައިވެއެވެ. މުޒާހަރާތައް އެންމެ ގަދަވެފައިވަނިކޮށް، މިދިޔަ އަހަރުގެ އޮގަސްޓް 5 ވަނަ ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ވަޑައިގެންފައެވެ.
78 އަހަރުގެ ޝެއިހް ހަސީނާ ބަންގްލަދޭޝްގެ ވެރިކަން ކުރައްވާފައިވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. އޭނާގެ ވެރިކަން ނިމުމަކަށް އައީ މިދިޔަ އަހަރު ހިނގި މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވުމާ އެކުގައެވެ.



