ދިގު މުއްދަތަކަށް ޞުލްޙަވުމަށް ތައްޔާރަށް އޮތް ނަމަވެސް ހަތިޔާރު ބެހެއްޓުމަށް ތައްޔާރު ނޫން ކަމުގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ޙަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލް މުޙައްމަދު ނައްޛާލް ވިދާޅުވީ، ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ޖަމާޢަތުން ދެމިއޮންނަން ބޭނުންވާ ކަމަށެވެ.
ޣައްޒާގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ހިނގަމުންދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެވުނީ އޮކްޓޫބަރު 9 ވަނަ ދުވަހުއެވެ. މި އެއްބަސްވުން އެކުލަވާލުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި ޤަޠަރު، މިޞްރު އަދި އެހެނިހެން ޢަރަބި އަދި އިސްލާމީ ޤައުމުތަކުން ވެސް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.
ނައްޛާލް ވިދާޅުވެފައިވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ކުރަމުންދާ ޖިހާދުގެ ދަށުން ހިންގާ އަސްކަރީ ހަރަކާތްތައް ފަސް އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ތައްޔާރަށް އޮތް ކަމަށެވެ.
”އަޅުގަނޑުމެން ބޭނުންވަނީ މި މުއްދަތުގައި ޣައްޒާ އަލުން އާރާސްތުކޮށް، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ އުންމީދުގައި ދިގު މުއްދަތުގެ ޞުލްޙައަކަށް ދިއުމަށް“ އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އިންކާރުކުރުމަކީ ދާއިމީ ޞުލްޙައެއް ޤާއިމުކުރުމަށް ހުރަސްއެޅިގެންދާނެ ކަމެކެވެ. ޚާއްޞަކޮށް މިއީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ކުރީކޮޅުގައި ކަމަށްވާތީއެވެ.
ޙަމާސުން ހަތިޔާރު ބެހެއްޓުމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރުމަށް ތައްޔާރުވަމުންދާއިރު، ޓްރަމްޕްގެ ޝަރުޠުތަކާއި ޙަމާސުން ބޭނުންވާ ގޮތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ.
މީގެ އިތުރުން ޤަތުލުޢާންމަށް ފަހު ޣައްޒާގެ އިދާރީ ހިންގުން ބައްޓަންކުރާނެ ގޮތަކާ މެދުވެސް ދެފަރާތުގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ.




