އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ، އެކަން އިއުލާން ކުރުމަށްފަހުގައިވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލައިފިއެވެ.
ފަލަސްތީންގެ މެޑިކަލް މަސްދަރުތަކުން ހާމަކުރި ގޮތުގައި މި 28 މީހުންގެ ތެރެއިން 11 މީހުންނަކީ ޣައްޒާގެ ޒައިތޫން ސަރަހައްދުގެ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.
އެމެރިކާގެ މެދުވެރިވެ ވެވުނު އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވެފައިވީ ނަމަވެސް، ހަމާސްއިން ވަނީ އެއްބަސްވުމަށް އިހްތިރާމްކޮށް ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ބާރުއެޅުމަށް އެމެރިކާއަށާއި މެދުވެރިންނަށް ގޮވާލައިފައެވެ.
މީގެ އިތުރުން ޣައްޒާގެ އުތުރުގެ ސަރަހައްދުގައި ގައުކުނޑިތައް ނެގުމުގެ ތެރޭގައި ޝަހީދުވެފައިވާ 150 މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ.
ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ޙަމާސާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ތަންފީޛުކުރަން ފަށާފައިވާއިރު، އުތުރު ޣައްޒާގައި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގައުކުނޑިތައް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޣައްޒާގެ އުތުރުގައި މީހުން އަލުން އާބާދުވުމަށްޓަކައި ޚާން ޔޫނިސްއިން އެކަނިވެސް 400,000 ޓަނުގެ ގައުކުނޑި ހުސްކުރަންޖެހޭ ކަމަށާއި، 300 ކިލޯމީޓަރުގެ ފެނާއި ނަރުދަމާގެ ނިޒާމު މަރާމާތުކުރަންޖެހޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިސްރާއީލުގެ އުދުވާންތަކާ ގުޅިގެން އެތައް ހާސް ފަލަސްތީނު ރައްޔިތުންނެއް ވަނީ އުތުރު ޣައްޒާއިން ނިކުމެ، މެދު ސަރަހައްދުތަކަށް ދާން މަޖުބޫރުވެފައެވެ. އަދި މިހާރު އިސްރާއީލުގެ ބާރުތައް އުތުރު ސަރަހައްދުން ފެޔަށްޖެހުމާ ގުޅިގެން ރައްޔިތުން އެނބުރި ވަޒަނަށް ދާން ވަނީ ފަށައިފައެވެ.
ދެ އަހަރަށް ދެމިގެން ދިޔަ މި ހަނގުރާމައިގައި 67,000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕްގެ އިސްނެގުމުގެ ދަށުން 20 މާއްދާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ހުށަހެޅުމަކަށް ދެފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.


