ސައިބަރ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް ޕޮލިސް.އެމްވީގެ ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުވަމުން އަންނަ ކަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަޒީފް ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބަރ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަންބަރުތަކާއި، އެކައުންޓް ނަންބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކްތަކާ ގުޅޭ މަޢުލޫމާތު ފެންނަން ހުންނާނެއެވެ.
އަދި ވަކި މެތަޑެއް ބޭނުންކޮށްގެން ސްކޭމްގެ ޢަމަލެއް ހިންގިކަމުގައި ވިޔަސް އެއާ ގުޅޭ މަޢުލޫމާތުތައްވެސް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ.
”މި އެޕުގައި މި ހިމެނޭ ޑާޓާގެ އިތުރުން، ސްކޭމް ކޯލެއް އިތުރު މީހަކަށް އައިސްފިނަމަ، އެ މަޢުލޫމާތު އަޅުގަނޑުމެންނަށް އިމްޕޯޓްކޮށް، ވެރިފައި ކުރުމަށްފަހު ޕަބްލިޝް ކުރެވޭނެ. އެޕް ސަރޗްކޮށްލުމުން ހުރިހާ ރައްޔިތުންނަށްވެސް މި މަޢުލޫމާތު ފެންނާނެ،“ އަޒީފް ވިދާޅުވިއެވެ.
އެޕްލިކޭޝަން ލޯންޗުކުރެވުމާއެކު ކޮންމެ 8 ގަޑިއިރަކުން މަޢުލޫމާތުތައް އަޕްޑޭޓްކުރެވެމުންދާނެ ކަމަށް އަޒީފް ވިދާޅުވިއެވެ. އަދި މައްސަލަތަކުގެ އަޕްޑޭޓް ނުލިބުމަކީ ގިނަ ފަރާތްތަކުގެ ޝަކުވާއަކަށްވެފައިވާއިރު، މި އެޕްލިކޭޝަން މެދުވެރިކޮށް އެ މައްސަލައަށް ހައްލު ލިބި، ކޮންމެ މީހަކުވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް ބަލައި، މުޢާމަލާތްކުރެވޭނެ ކަމަށްވެސް އަޒީފް ވިދާޅުވިއެވެ.
ސައިބަރ ކްރައިމް ސެންޓަރަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައްކަން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ފާހަގަކުރެއްވިއެވެ.




