އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސިޔާސަތުތަކާ ދެކޮޅަށް، އެމެރިކާގެ އެކި ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.
”ނޯ ކިންގްސް“ ގެ ނަމުގައި ކުރިއަށްދާ މި މުޒާހަރާތައް އެމެރިކާގެ 2,500 އަށް ވުރެ ގިނަ ތަންތަނުގައި ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން މަޢުލޫމާތު ދެއެވެ.
އެ މުޒާހަރާތަކަށް ތައްޔާރުވުމުގެ ގޮތުން، ޓެކްސަސް އަދި ވާޖިނިއާ ފަދަ އެމެރިކާގެ ބައެއް ސުޓޭޓްތަކުގެ ރިޕަބްލިކަން ގަވަރުނަރުން ވަނީ ނޭޝަނަލް ގާޑްގެ ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
މި މުޒާހަރާތައް ފެށިފައިވަނީ ނިއުޔޯކް ސިޓީގައެވެ. އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިދިޔަ ޖޫން މަހު ބޭއްވި ”ނޯ ކިންގްސް“ މުޒާހަރާގައި 5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެ، ޓްރަމްޕްގެ ސިޔާސީ އެޖެންޑާއަށް ފާޑުކިޔާފައިވެއެވެ. މި މުޒާހަރާގެ މައިގަނޑު މަގުސަދަކީ ޓްރަމްޕްގެ ޚުދުމުޚުތާރު ވެރިކަން ނައްތާލުމެވެ.
ބައެއް ރިޕަބްލިކަން ސިޔާސީ ފަރާތްތަކުން މި މުޒާހަރާތަކަށް ”ހޭޓް އެމެރިކާ“ ރެލީތަކެއްގެ ނަމުން ނަންދީފައިވާއިރު، ވާޖިނިއާގެ ގަވަރުނަރު ގްލެން ޔަންކިން ވަނީ އެ ސްޓޭޓްގެ ނޭޝަނަލް ގާޑް ހަރަކާތްތެރިކުރުމަށް އަމުރުކުރައްވާފައެވެ.
މި މުޒާހަރާތަކުގައި ޖޭން ފޮންޑާ، ކެރީ ވޮޝިންޓަން، ޖޯން ލެޖެންޑް، އެލަން ކަމިން އަދި ޖޯން ލެގުއިޒާމޯ ފަދަ މަޝްހޫރު ތަރިން ބައިވެރިވާނެ ކަމަށް ރިޕޯޓްތަކުން ދައްކައެވެ.
އަދި ޔޫރަޕްގެ އެކި ގައުމުތަކުގަޔާއި އެމެރިކާގައި ވެސް ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި އެމެރިކާގެ ރައްޔިތުންނަށް ތާއީދުކޮށް، ”ނޯ ޓްރަމްޕް“ ފަދަ ޝިއާރުތައް ބޭނުންކޮށްފައިވެއެވެ.



