ލ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓަކީ މުޅި އަތޮޅަށް އިޤްތިޞާދީ މަންފާ ލިބޭނެ ގޮތަށް ތަރައްޤީކުރެވޭ އެއަރޕޯޓެއްކަން ޔަގީންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެއަރޕޯޓު މަޝްރޫޢަކީ މުޅި އަތޮޅަށް މުހިންމު މަޝްރޫޢެއް ކަމަށާއި، މި މަޝްރޫޢު ކުރިއަށް ގެންދަވާނީ ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތަށް ކަމަށެވެ. އަދި ހިތަދޫއިން ވެސް މުހިންމު، ދެކޮޅުޖެހޭ ޕްރޮޕޯސަލެއް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަށް އެނގޭ މިރަށުގެ ރައްޔިތުންވެސް އެންމެ ބޮޑަށް އިންތިޒާރުކުރާ މަޝްރޫޢަކީ އެއަރޕޯޓު މަޝްރޫޢުކަން. އެމަސައްކަތް މިއަތޮޅުގައި ކުރިއަށްދާނެކަމުގެ ޔަގީންކަންދެން. ސަރުކާރުން އެ މަޝްރޫޢު ކުރިއަށްގެންދާނީ އިޤްތިޞާދީގޮތުން އެންމެ ރަނގަޅުގޮތެއް ބަލާފައި.“ ރައީސް ވިދާޅުވިއެވެ.
ހިތަދޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްޙީ ދާއިރާ ކުރިއެރުވުމަށް ހިތަދޫގައި ފެށިގެންދިޔަ މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބާރެއް ކަމަށެވެ. މިގޮތުން 4 އެނދުގެ ވޯޑާއެކު އިތުރު ޚިދުމަތްތައް ޤާއިމުވެގެންދާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު މުވައްޒަފުން ނެގުމަށް ހިމެނިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ހިތަދޫ ސްކޫލްގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ހަވާލުކޮށް، މިއަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ބީއެމްއެލްގެ ބްރާންޗްގެ މަސައްކަތާއި ހިތަދޫއާއި ކުނަހަންދޫގެ ކޯޒްވޭގެ މަސައްކަތް ވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.



