ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސް އިން ހިލާފުވި ކަމަށް ބުނެ އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި 153 ޓަނުގެ ބޮން އެޅި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ޣައްޒާގައި ދެ އަހަރު ވަންދެން ދިން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް ދެ ހަފްތާ ވެސް ނުވަނީސް، ޣައްޒާގެ ދެކުނުގައި ހަމާސްއިން ސިފައިންނަށް ހަމަލާ ދިން ކަމަށް ބުނެ އިސްރާއީލުން ވަނީ އަލުން ހަމަލާތައް ފަށައިފައެވެ.
”އަހަރެމެންގެ އެއް އަތުގައި އޮންނާނީ ހަތިޔާރު، އަނެއް އަތް ދިއްކުރަނީ ސުލްހައަށް. ބާރުގަދަ މީހުންނާ އެކު، ބަލިކަށި މީހުންނާ ޖެހޭނީ ސުލްހަވާން. މިއަދު އިސްރާއީލް ވަނީ ކުރިއަށްވުރެ ބޮޑަށް ބާރުގަދަވެފައި.“ ނަތަންޔާހޫ ބުންޏެވެ.
އިސްރާއީލުން ދޭން ފެށި މި ހަމަލާތަކުގައި މިހާތަނަށް 45 މީހަކު ވަނީ ޝަހީދުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭނަށް ހަމާސް އާއި އިސްރާއީލް އެއްބަސްވެ، ހަމަލާތައް މެދުކަނޑާލައި ގައިދީން ބަދަލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުމުގެ ކުރިން މި ހަމަލާތައް ދޭން ފެށުމުން ވަނީ އިތުރު ކަންބޮޑުވުންތަކެއް އުފެދިފައެވެ.
އިސްރާއީލުން މި ހަމަލާތައް ދިނީ ހަމާސް އިން އިސްރާއީލް ސިފައިންނަށް ހަމަލާދިން ކަމަށް ތުހުމަތުކޮށްފައި ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވީ، މި ހަމަލާތައް ދިނީ ހަމާސްގެ ލީޑަޝިޕްގެ އިރުޝާދަކާ ނުލައި ކަމަށެވެ.
އަދި އެއްބަސްވުން އަދިވެސް ދެމިއޮތް ކަމަށް ޓްރަމްޕު ވިދާޅުވެފައިވާ އިރު، އިސްރާއީލުން ވެސް ވަނީ އަލުން އެއްބަސްވުމަށް ރުޖޫއަވާނެ ކަމަށް ބުނެފައެވެ.




