މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާއިން (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރުނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް، މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން ރޭގަނޑު 20:30 އަށެވެ.
މެޓުން ބުނީ، މި ގަޑިތަކުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި އަންނަ ހަފްތާއާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ކެރީގެ އަސަރު ކުރާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ހާމަކުރެއެވެ.


