ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ”ދާރުއްސަލާމް“ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ލޮޓް ނަންބަރު 11646 ގައެވެ.
އިއްޔެ އެ މިނިސްޓްރީން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ”ބިލްޑް އެންޑް މެއިންޓަނަންސް“ އުސޫލުންނެވެ.
މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ޖުލައި މަހުގެ އަންނަ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރަން އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.
މި މަޝްރޫޢަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ އޮކްޓޯބަރު 30 ވަނަ ދުވަހުގެ 11:00 ގައެވެ. މިއީ މި މަޝްރޫޢު ތަންފީޒުކުރުމަށް މީގެ ކުރިން ވެސް އިޢުލާންކޮށްފައިވާ މަޝްރޫޢެކެވެ.
މިހާތަނަށް ރާއްޖޭގައި ހުރި ހަމައެކަނި ވަގުފު އިމާރާތަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު ހުޅުވުނު ”ދާރުލް އީމާން“ އެވެ. ނުވަ ބުރީގެ މި އިމާރާތަކީ އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ އިސްލާމިކް މިނިސއޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މަސައްކަތްޕުޅުން ވުޖޫދަށް ގެނެވުނު މަޝްރޫޢެކެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މުޅި ރާއްޖެއަށް ވަގުފު މަޝްރޫޢުތައް ފުޅާކުރުމަށް ނިންމައި، އެކި ސަރަޙައްދުތަކުގައި ތަފާތު މަޝްރޫޢުތަކުގައި ސޮއިކޮށްފައެވެ.
މީގެ ތެރޭގައި މިހާރު އިޢުލާންކޮށްފައިވާ ހުޅުމާލޭގެ ”ދާރުއްސަލާމް“ ވަގުފު އިމާރާތުގެ މަޝްރޫޢުވެސް ހިމެނެއެވެ.




