މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ތިން މެމްބަރުން މިއަދު އެ ކޮމިޝަނަށް އައްޔަންކުރައްވައިފިއެވެ.
މަޖިލީހުން ކަނޑައެޅި މެންބަރުންގެ ގޮތުގައި އައްޔަންކުރައްވާފައިވަނީ ހ. ޓޫހާރޓްސް، މުޙައްމަދު ފަރުޞަތާއި، ދ. މީދޫ، ބިއްލޫރިވިލާ، ޞަފާ ޝަފީޤާއި، ގ. ގޮފި، އަލްއުސްތާޛާ އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
މީޑިއާ ކޮމިޝަނަކީ ޖުމްލަ 7 މެންބަރުން ހިމެނޭ ކޮމިޝަނެކެވެ. މީގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ.
މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންނެވެ. އަދި އަނެއް ދެ މެންބަރުންނަކީ އެހެނިހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުންނެވެ.
މި ހަތަރު މެންބަރުން މީޑިއާ ކޮމިޝަނުގެ މެންބަރުކަމަށް މިދިޔަ ހަފްތާގައި ވަނީ އައްޔަންކޮށްފައެވެ.



