އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ލިބޭ އިނާޔަތް 3000 ރުފިޔާއަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިކަން އިއުލާންކުރެއްވީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާ ކަމަށާއި އަދި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
”އެކަނިވެރިމައިންގެ އެލަވަންސް މިހާރު ދޭ އަދަދަށްވުރެ ބޮޑުކޮށްދީ. ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް އެކަނިވެރިމައިންގެ އެލަވަންސް ބޮޑުކޮށްދޭނެކަމަށް އަޅުގަނޑު ވައުދުވެފައި އޮންނާނެ. އެ ވައުދު ފުއްދުންވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިން. އަންނަ ޖެނުއަރީމަހުން ފެށިގެން ކޮންމެ ކުއްޖަކަށް 3000 ރުފިޔާގެ މަގުން އެލަވަންސް ބޮޑުވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.
މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދަކީ 10،000 ރުފިޔާއެވެ.
އަދި ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ނިސްބަތަކީ 1،000 ރުފިޔާއެވެ.




