ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ އަމާން އުދަރެހުގެ ފްލެޓްތަކުގެ ތެރެއިން ބާކީ ހުރި ޓަވަރުތަކުގެ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީ އިން ބުނީ، މިހާތަނަށް 81 ފަރާތަކާ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.
ސެޕްޓެންބަރު 5 ވަނަ ދުވަހު ފެށި މި މަޝްރޫޢުގައި ޖުމްލަ 32 ޓަވަރުގެ 4000 ހައުސިން ޔުނިޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގައި 125 ހައުސިން ޔުނިޓް ހުންނައިރު، މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ވެރިފަރާތްތަކާއެވެ.
އެފްޑީސީން ފާހަގަކުރި ގޮތުގައި މިހާރު ވަނީ ބައެއް އާއިލާތައް އެ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އެފްޑީސީން ބުނާ ގޮތުގައި ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން އާއި ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތައް ފުރިހަމަވެ، ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރު ކުރުމަށް ފަހުގައެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ޒިޔާރަތްކޮށް އެ ކަންކަން ހަމަޖެހިފައިވާކަން ކަށަވަރުކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރުގެ 2000 ހައުސިން ޔުނިޓް ހިމެނޭއިރު، 14 ވަނަ ޓަވަރުގެ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާ މިންވަރަކުން ހަވާލުކުރަމުން ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ.
އަދި އިތުރު ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ. ސަރުކާރުން ވަނީ ފްލެޓްތަކަށް ގަވައިދުން ފައިސާ ދައްކާ ފަރާތްތަކަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމައި، ފްލެޓްތަކުގެ ޑައުން ޕޭމަންޓްވެސް ކުޑަކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ފްލެޓް ހަވާލުކޮށް ނިންމުމެވެ.




