ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވުމަކީ ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިއީ މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންނަށް ހާސިލުކުރެވުނު ފަހުރުވެރި ބޮޑު ކާމިޔާބީއެކެވެ.
އަދި މިއީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށާއި އަމާން، ފާގަތި މުސްތަގުބަލަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ. މި ވައުދު ފުއްދުމުގެ ގޮތުން މިހާރު ވަނީ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއަހަރު ނިމޭއިރު ފުލުހުންގެ އާ އިމާރާތް އެޅުމުގެ 138 މަޝްރޫއެއް ހިނގަމުންދާނެއެވެ. އަދި މި ދައުރު ނިމޭއިރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިދުމަތްދެވޭ ހިސާބަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



