އައްޑޫ ސިޓީގެ، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް، އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އަލުން އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި، ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތަކަށް އަލިއަޅުވާލާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ މި ރިސޯޓަކީ ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަގުތީ ގޮތުން ބަންދުކުރަން ޖެހުނު ރިސޯޓެކެވެ. ރިސޯޓް ނުހުޅުވި ދިގުލައިގެން ދިއުމަކީ އައްޑޫ ސިޓީގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާ ކަމެކެވެ.
ސަބަބަކީ އެ ރިސޯޓުން ވަޒީފާގެ ފުރުސަތު ލިބިފައިވާ ގިނަ އަދަދެއްގެ މީހުން އައްޑޫގައި ދިރިއުޅޭތީއެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ގަމުގެ ބައިނަލްއަޤްވާމީ އެއާޕޯޓުން ލޯންޗްގައި ފަސް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ، 284 އެނދުގެ ބޮޑު ރިސޯޓެކެވެ. 2008 ވަނަ އަހަރު ހުޅުވުނު މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި ދެ ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ.
މި ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.



