އައްޑޫ ސިޓީ ހިތަދޫގެ ޓޫރިޒަމް ޒޯން ސަރަހައްދުގައި ހުންނަ ”ގާހަކި“ ނަމަކަށް ކިޔާ ގެއެއްގެ ތެރޭގައި މިދިޔަ ބުދަ ދުވަހު ނިޔާވެފައި އޮއްވާ ފެނުނު ދެމަފިރިންގެ ހަށިގަނޑު މިއަދު ވަޅުލައިފިއެވެ.
މި ދެމަފިރިންގެ ހަށިގަނޑުވެސް ވަޅުލީ މަރަދޫގައި ހުންނަ ސަހަރާގައި، ކައިރި ކައިރީގައެވެ.
ސަސްޕެކްޓް މަރެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، ކުރޭނގެ، އިބްރާހިމް އަބްދުﷲ (60) އާއި ސ. މަރަދޫ، ނާރެސް، ފަރަހަނާޒް ރަޝީދު (52) އެވެ.
ދެމަފިރިން ނިޔާވި ސަބަބު މިހާތަނަށް ސާފު ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ދެމަފިރިން ނިޔާވެފައި ތިއްބާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު އެވެ. އެކަން ވީ ގޮތެއް އެއްގޮތަކަށްވެސް ނޭނގި، ތަފާތު ވާހަކަތައް ދެކެވެމުން ދިޔައިރު، މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށައިފައެވެ. ތަހުގީގަށް ބޭނުންވާ މުހިއްމު ސުންކު ނެގުމަށްފަހު ހަށިގަނޑުތައް ފުލުހުން ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

ދެމަފިރިންގެ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު ކުރިއަށްގެން ގޮސްފައިވާއިރު، އަންހެން މީހާގެ ކަށުނަމާދު ކުރިއަށްގެންގޮސްފައި ވަނީ މަރަދޫގައެވެ. އަދި ފިރިހެން މީހާގެ ކަށު ނަމާދު ކުރިއަށް ދިޔައީ ހިތަދޫގަ އެވެ.
ދެމީހުންގެ ވަކިވަކި ކަށުނަމާދުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.




