ދިވެހި ފުޓްބޯޅަ އުފެދުނުތާ 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ބޭނުންކުރާ ރަސްމީ ލޯގޯ، މިއަދު އިފްތިތާހުކޮށްފިއެވެ.
މި ޚާއްސަ ލޯގޯ އިފްތިތާހުކޮށް ދައްކާލާފައިވަނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ރޭވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލެއްގެ ތެރެއިންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލުގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިކަން ކުރިއަށް ގެންދިޔައީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް އިންފަންޓީނޯ ރާއްޖެ އައިސް އުޅުއްވާ ދަނޑިވަޅެއްގައެވެ.
ދިވެހި ފުޓުބޯޅަ އުފެދުނުތާ 75 އަހަރު ފުރުން ’ޑައިމަންޑް ޖުބިލީ‘ ގެ ނަމުގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ނިންމުމަށް، މީގެ ކުރިން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ. ’ޑައިމަންޑް ޖުބިލީ ކޮމިޓީ‘ ގެ ނަމުގައި އެކުލަވާލި މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ.
ކުލަބުތަކުގެ ހުށަހެޅުންތަކާއެކު އުފެއްދި މި އެޑްހޮކް ކޮމިޓީން އަންނަނީ އަލިމަސްޔޫބީލްގެ ހަރަކާތްތައް ވިލަރެސްކުރަމުންނެވެ.
މި މުނާސަބަތާ ގުޅިގެން ޖުމްލަ 75 ހަރަކާތެއް ރާވާފައިވާ ކަމަށް އެފްއޭއެމުން ހާމަކުރެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދާނީ އެފްއޭއެމްގެ އަހަރީ ކަލަންޑަރާ އެއްގޮތަށެވެ. އެގޮތުން، އަލިމަސްޔޫބީލް ފާހަގަކުރުމަށް ޚާއްސަކޮށް، އަންނަ އަހަރުގެ ޖޫން މަހު ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓްބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަދި އަލިމަސްޔޫބީލާ ގުޅޭ ޚާއްސަ ލަވައެއް ނެރުން ހިމެނެއެވެ.



