ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ފޯރިގަދަ ފުޓުބޯޅައިގެ ޚާއްސަ ފެސްޓިވަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ފެސްޓިވަލް ބޭއްވުނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ފީފާގެ ރައީސް ރާއްޖެއަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެންނެވެ.
މި ޚާއްސަ ފުޓުބޯޅަ އިވެންޓުގެ ތެރެއިން، ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ޚާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުރިއަށްގެންގޮސްފައެވެ.
އަދި އިޓަލީއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެ ގައުމުގެ ތަރި މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑުންވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްގީކުރެއްވުމާ ގުޅޭ މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



