ރާއްޖެއާ ވިއެޓްނާމްއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިއެޓްނާމަށް ވަޑައިގެން އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ބުއި ތާން ސޮންއާ ބައްދަލުކުރައްވައެވެ.
މި ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ދެ ގައުމަށްވެސް ފައިދާވާނެ ގޮތެއްގައި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެ، އެއްބާރުލުން ދިނުމަށް ދެފަރާތުން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
އަދި މި މަޝްވަރާތަކުގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިއެޓްނާމަށް ވަޑައިގެންނެވީ، ސައިބާ ކްރައިމާއި ދެކޮޅަށް އދ. ގެ ގައުމުތަކުން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ވިއެޓްނާމް ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.




