ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ ޗޮންޗިން އެއަރލައިނަށް ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ވީއައިއޭ ހިންގާ ފަރާތް ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ޗޮންޗިން އެއަރލައިނަކީ މި އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 12 ވަނަ އެއަރލައިނެވެ.
ޓާމިނަލް 1 އިން ޗޮންޗިން އެއަރލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ. މި ރަސްމިއްޔާތުގައި ޗޮންޗިން އެއަރލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓްގައި ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއަރލައިންގެ ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ހަފްލާގައި ވިލާ ޓްރެވަލްސްގެ އެއަރޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އާޢި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިން, ޗައިނާ ސަދާން އެއަރލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 ޖޫން 2024 ގައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ވީއައިއޭގެ އައު ޓާމިނަލް މެދުވެރިކޮށް، ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.



