ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް، ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ބްރިޓިޝް އެއާވޭސްއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޔޫރަޕުގެ ފުރަތަމަ އެއާލައިނެވެ.
އާ ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބެވެ.
މި ރަސްމިއްޔާތުގައި އެ އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާއިރު، މިއަދު އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
މީގެ އިތުރުން މިއަދު ޓާމިނަލް 1އަށް ޑޮކް ކުރި ބްރިޓިޝް އެއާވޭސްގެ ފުރަތަމަ މަތިންދާބޯޓް ކަމަށްވާ BA061 އިން ރާއްޖެއަށް އައި 122 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާ އެކު ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ 26 އޮކްޓޫބަރު 2009 ގައެވެ. ބްރިޓިޝް އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު އަންނަނީ 13 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.




