ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 4 ޒުވާނުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށު ކައުސަރު، ހަސަން ރައްޔާން ރާޝިދު 26، އާއި ސޯސަންގެ، އިސްމާއިލް ހައިޒަމް ހަބީބް 22، އާއި ޝަބްނަމްގެ، އަލީ ޖަނާހް ޖައުފަރު 25، ގެ އިތުރުން ލީނާމަންޒިލް، އިބްރާހިމް އަޒާން މުހައްމަދު 19، އެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ، އެމީހުން އެރަށަށް އައި ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ރަބަރު ޕެކެޓާއި، ފިލްމް ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށާއި، އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ހަތް ސެލޯފޭން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިތަކެތީގެ ބަރުދަނަކީ 44،83 ގްރާމެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހައިޒަމް 12 ދުވަހަށް އަދި ދެން ތިބި މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




