ރާއްޖޭގެ ލީޑަރޝިޕް ނުވަތަ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެއްޖެކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މި ނިސްބަތް ވަނީ ކުރިން ހުރި 16 އިންސައްތައިން 39 އިންސައްތައަށް އިތުރުވެފައި ކަމަށެވެ.
ރާއްޖޭގައި އަންހެނުން މަދު ދާއިރާތަކުގައި އެމީހުންގެ ދައުރު ފުޅާކޮށް، މުޖުތަމަޢުގެ ތަރައްޤީގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ސިޔާސީ، އިޤްތިސާދީ އަދި އިޖްތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުން ހިމެނެއެވެ.
އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލީޑް ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރ، އާމިނަތު ރިޝްމީ އާމިރު ވިދާޅުވީ، ސަރުކާރުން ޚާއްސަ އިސްކަމެއް ދެނީ އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށްކަމަށެވެ. އެގޮތުން، އަންހެނުންނަށް ޚާއްސަ ’ފަށާމަދަދު ލޯނު‘ އަކީ މި ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.
ލީޑަރޝިޕް މަގާމުތަކުގައި އަންހެނުންގެ ހަރަކާތްތެރިވުން އިތުރުވެފައިވާ މިންވަރު ސާފުކޮށްދެއްވަމުން ރިޝްމީ ވިދާޅުވީ، ޚާއްސަކޮށް ބޯޑުތަކުގެ ތެރޭގައި އަންހެނުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ.
”މިހާރު ތަފާސްހިސާބުތަކަށް ބަލާއިރު ކުރިން 16 ޕަސެންޓުގައި މި ނިސްބަތް ހުރިއިރު މިހާރު 39 އިންސައްތައަށް މިވަނީ އިތުރުވެފައި. މިގޮތުން ގެނެވުނު ބަދަލުތަކާއި ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެން ކައުންސިލަރުން ވަނީ އިތުރުވެގެންގޮސްފައި،“ ރިޝްމީ ވިދާޅުވިއެވެ.
މި ކުރިއެރުންތަކާ ގުޅިގެން، އަންހެނުންނަށް ހާއްސަކޮށް ލީޑަރޝިޕް ހުނަރު ތަރައްޤީކުރުމުގެ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޝްމީ ވިދާޅުވިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެންނެވެ.
މީގެ އިތުރުން، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން (ޖެންޑަރ އީކުއަލިޓީ) ޤާއިމުކުރުމަށް މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކަށް ’ހަމަހަމަކަން ކަށަވަރު ނިޝާން‘ (ޖެންޑަރ އީކުއަލިޓީ ސީލް) ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ޤައުމީ ފެންވަރުގައި މި ނިޝާން ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 2023 ޑިސެންބަރު 24 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައެވެ.




