އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި އާންމު ވޯޓުގައި، ބަޔާންކުރެވިފައިވާ ގޮތަށް މިއަދު ހަވީރު 4:00 ޖެހުމާއެކު ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.
މި އާންމު ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ށ) އިން ލިބިދޭ ބާރުގެ ދަށުންނެވެ.
މިއަދު ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށުނުއިރު، 4:00 ޖެހުމާއެކު ވޯޓުލުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ ހަމަވެފައެވެ.
ވޯޓުލާ ވަގުތު ހަމަވިއިރު، ބައެއް ވޯޓު ފޮށިތައް ކައިރީ ކިޔުގައި މީހުން ތިބުމުން، 4:00 ޖެހުމާއެކު ކިޔުތައް ބަންދުކުރެވުނު ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި، 4:00 ޖެހުމާ ހަމައަށް ކިޔުއަށް އެރި ހުރިހާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، ވޯޓު ފޮއްޓަށް ވޯޓުލުން ނިމުމުން، ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނިޓު ފަހުން ވޯޓު ގުނަން ފަށަން ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރުފަހު 3:00 ޖެހުމާއި ހަމައަށް ޖުމްލަ 3,410 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 1,715 އަންހެނުންނާއި 1,695 ފިރިހެނުންނެވެ. މިއީ ވޯޓުލެވޭ ޖުމްލަ އާބާދީގެ %35.61 އެވެ.
މި އާންމު ވޯޓުގައި ފޭދޫ، މީދޫ، އަދި ހުޅުދޫގެ ޖުމްލަ 9,576 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ.
މި ވޯޓަށް ޖުމުލަ 18 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި، ފޭދޫގައި 5 ފޮށި ހިމެނެ އެވެ. މީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރަށްވެހިންނަށް ވޯޓުލުމަށްޓަކައި 7 ވޯޓު ފޮށި ކަލާފާނު ސްކޫލްގައި ވަނީ ބަހައްޓާފައެވެ.



