ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކް އަށް ހިދުމަތްދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދުވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.

މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށްހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިންރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޫބަރު 2023 ގައެވެ. ޓާމިނަލް 1 އިން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން, ބްރިޓިޝް އެއާވޭސް އަށްވެސް ހިދުމަތް ދޭން ފަށައިފައެވެ. ވާޖިން އެޓްލާންޓިކް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.




