އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވާގިވެރިވާކަމުގެ ތުހުމަތުގައި، އެމެރިކާއިން ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ.
މި ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ހަމައެކަނި ރައީސް ޕެޓްރޯއަށް އެކަންޏެއް ނޫނެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންގެ އިތުރުން، ކޮލޮމްބިއާގެ އިންޓީރިއާ މިނިސްޓަރާ ދެކޮޅަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެ މީހުންގެ ހުރިހާ މުދަލާއި ފައިސާއެއް ހިފަހައްޓާނެއެވެ. އަދި އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެ މީހުންނާއެކު ވިޔަފާރި ކުރުން މަނާވާނެއެވެ.
އެމެރިކާއާ ކޮލޮމްބިއާ އާ ދެމެދު ކުރީގައި އޮތް ގާތް ގުޅުން ހީނަރުވާން ފެށީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕެޓްރޯއަށް މަސްތުވާތަކެތީގެ ވިޔަފާރިއަށް ސީދާގޮތުން ވާގިވެރިވާކަމުގެ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ޕެޓްރޯގެ ރިޔާސީ ދައުރު ނިމުމަށް ގާތްވެފައިވާއިރު، އޭނާ ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް، އެ މަސައްކަތުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ދެކުނު ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި އުފުލާކަމަށް ޝައްކުކުރެވޭ އުޅަނދުތަކަށް ވަނީ ވައިގެ ޙަމަލާދީ ފައްތާލައިފައެވެ. މިކަމަށް ރައްދު ދެއްވައި، ރައީސް ޕެޓްރޯ ވަނީ އެއްވެސް ހެއްކެއް ނެތި އުޅަނދުތައް ފައްތާލުމަކީ ކުށެއްކަމަށް ވިދާޅުވެ، ރައީސް ޓްރަމްޕްގެ މައްޗަށް ގަސްދުގައި މީހުން ޤަތުލުކުރާކަމުގެ ތުހުމަތު ކުރައްވާފައެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު ވިދާޅުވީ، ޕެޓްރޯގެ ވެރިކަމުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިނާރާ މިންވަރަށް ކޮލޮމްބިއާގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، އެމެރިކާއަށް އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
”އެ ވިޔަފާރިތައް ފުޅާވުން ޕެޓްރޯ ހުއްޓުވުމަށް މަސައްކަތް ނުކުރައްވާތީ، އެމެރިކާގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، މި ހަރުކަށި ފިޔަވަޅު އަޅަން ޓްރަމްޕް ނިންމެވީ،“ ބެސެންޓު ވިދާޅުވިއެވެ.
އެމެރިކާއިން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ޕެޓްރޯ ވަނީ، އޭނާގެ ދައުރުގައި މަސްތުވާތަކެތި އަތުލައިގަނެވުނު ނިސްބަތް އެތައް ގުނައަކުން އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވެ، ހުރިހާ ތުހުމަތެއް ދޮގުކުރައްވާފައެވެ. އަދި އޭނާގެ އެއްވެސް ފައިސާއެއް އެމެރިކާގައި ނުހުންނާނެކަމަށްވެސް ޕެޓްރޯ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި ދެ ޤައުމުގެ މެދުގައި ނުތަނަސްވަކަން ބޮޑުވެފައިވާއިރު، ޓްރަމްޕް ވަނީ މީގެކުރިން ކޮލޮމްބިއާއަށް ދެމުން އައި ހުރިހާ އެހީތަކެއް ކަނޑާލައި، އެ ޤައުމުން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަންވެސް ނިންމަވާފައެވެ.




