މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި އޮޕަރޭޝަނަށް ފަންޑުކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މަޝްހޫރުލ ވިޔަފާރިވެރިޔާ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ.
މި މައްސަލައިގައި އިއްޔެގެ ވަގުތެއްގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަކީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލާގައި ދިގަލީގެ އިތުރުން ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އެވެ. ސިނގިރޭޓް ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތު ކުރެވޭ އާއްޓޭ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެންވެ، އޭނާގެ ބަންދުގެ މުއްދަތު އަދި ހަމައެއް ނުވެ އެވެ.
ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.



