ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް)ގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޮޑެތި އާ ޕްރޮޖެކްޓުތަކެއް ތައާރަފުކުރާނެކަން ހާމަކުރައްވައިފިއެވެ.
މި ޕްރޮޖެކްޓުތަކުގެ ތެރޭގައި ’ފުޓްބޯލް ފޯ ސުކޫލްސް‘ ޕްރޮޖެކްޓާއި، ފީފާ އެރީނާތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
އިންފަންޓީނޯ މިކަން ހާމަކުރެއްވީ ރާއްޖެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. އިންފަންޓީނޯ ވިދާޅުވީ، ފީފާ މާލޭގައި މިއޮތީ ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްޤީކުރުމަށް އައު ޕްރޮޖެކްޓްތަކެއް ހިންގުމަށް ކަމަށެވެ.
މީގެތެރޭގައި ހުރިހާ ރަށެއް ޝާމިލުވާގޮތަށް ބާއްވާ ރީޖަނަލް ފުޓްބޯޅަ މުބާރާތްތަކާއި، ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުން ހިމެނޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ކުޑަކުދިންނާއި ހަމައިން ފެށިގެން މުސްކުޅިންނާއި ހަމައަށްވެސް ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ”ހަޤީޤީ ފުޓްބޯޅަ ގައުމެއް“ކަން ފާހަގަކުރައްވާ ފީފާގެ ރައީސް ވިދާޅުވީ މާލޭގައި ހޭދަކުރެވުނީ އުފާވެރި ދުވަހެއް ކަމަށެވެ.
އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ގައުމީ ފުޓްބޯޅަ ދަނޑުގައި ހޭދަކުރެވުނު ވަގުތަކީ ”ވަރަށް ވަރަށް އިމޯޝަނަލް ވަގުތެއް“ ކަމަށް އިންފަންޓީނޯ ސިފަކުރެއްވިއެވެ.
”ރީތި ގައުމެއް. ވަރަށް ރަނގަޅު ބައެއް ދިރިއުޅޭ ގައުމެއް. އެންމެ މުހިއްމު ކަމަކަށް މިއީ ހަމަ ހަގީގަތުގައިވެސް ފުޓްބޯޅައިގެ ގައުމެއް. ކުޑަކުދިންނާއި ހަމައިން ކާފާ މާމައާއި ހަމަށްވެސް ފުޓްބޯޅައަށް ލޯބިކުރޭ. އެހެންވީމަ ވަރަށް އުފާވެއްޖެ،“ އިންފަންޓީނޯ ވިދާޅުވިއެވެ.

އިންފަންޓީނޯ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާބެހޭގޮތުން އެފްއޭއެމްގެ ރައީސް ޠާރިގާއި މުހިއްމު މަޝްވަރާތައް ކުރެވުނުކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސްއާއެކު ކުޅެވުނު ފުޓްބޯޅަ މެޗަކީވެސް ވަރަށް ޚާއްސަ ވަގުތުކޮޅެއް ކަން އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
ފީފާގެ ރައީސް ވިދާޅުވީ، އެފްއޭއެމްގެ ރައީސް ޠާރިގާއި އެކްސްކޯ މެމްބަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ފުޓްބޯޅަ ދުވަހުން ދުވަހަށް ފުޅާވެ ރަނގަޅުވަމުންދާތީ، ފީފާ މިއޮތީ ހުރިހާ އެންމެންނާ އެކު މަސައްކަތްކުރުމަށް ތައްޔާރުވެފައި ކަމަށެވެ.
އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ދިން ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.




