ސައިބާ ކްރައިމް ހުއްޓުވުމަށް އެކުލަވާލާފައިވާ، އ.ދ.ގެ ގޮތްތަކުގެ ދަށުން ހިނގާ ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ސައިބާ ކްރައިމް ގައި ދިވެހިރާއްޖެއިން މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.
ވިއެޓްނާމުގެ ހަނޯއީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މުހިންމު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ. އަބްދުﷲ ހަލީލެވެ. މި ސޮއިކުރުމަކީ ރާއްޖޭގެ ގައުމީ ޑިޖިޓަލް އަމާޒުތައް ހާސިލުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެކެވެ.
ސޮއިކުރެއްވުމަށް ފަހު ޑރ. ހަލީލް ދެއްވި ތަގުރީރުގައި ފާހަގަކުރެއްވީ، މި މުއާހަދާއަކީ ރާއްޖޭގެ ޤައުމީ ޑިޖިޓަލް ސްޓްރެޓެޖީގެ އެންމެ މުހިންމު ތަނބުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ކަމަށްވާ، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސާދުގެ 15 އިންސައްތަ ބިނާވެގެންވާ ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިގޮތުން، ”މޯލްޑިވްސް 2.0″ގެ ދަށުން ދެފުށް ފެންނަ އަދި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޑިޖިޓަލް އިކޯސިސްޓަމްއެއް ބިނާކުރުމަށް ސަރުކާރުން ވަނީ އަޒުމުކަނޑައަޅާފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ޓެކްނިކަލް ގާބިލްކަން ހަނިވުމުގެ ސަބަބުން ސައިބާ ރިސްކުގެ ނުރައްކާތައް ބޮޑު ނަމަވެސް، މިފަދަ ގޮންޖެހުންތަކަކީ ރާއްޖޭގެ އަޒުމުތައް ހަނިކުރާނެ ކަމެއް ނޫން ކަމަށެވެ. ސައިބާ ކްރައިމްއާ ދެކޮޅަށް ކުރެވޭ ބައިނަލްއަގްވާމީ މަސައްކަތްތަކުގައި ރާއްޖޭގެ ބައިވެރިވުން ވަރުގަދަކުރުމަކީ، މުޅި ސަރަހައްދުގެ އޮންލައިން ސަލާމަތަށް ވެސް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ފޮރިން މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މުއާހަދާގައި ސޮއިކުރުމުގެ ސަބަބުން ސައިބާ ކްރައިމް ހުއްޓުވުމަށާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ކުށްތައް ކަނޑައެޅުމަށާއި، ތަހްގީގު ކުރުމާއި ދައުވާ ކުރުމުގައި ބައިނަލްއަގްވާމީ ބައިވެރިންނާ އެކު އެއްބާރުލުން ވަރުގަދަކުރާނެއެވެ.
އަދި މި މުއާހަދާގެ ސަބަބުން ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތަކާއި މައުލޫމާތު ބަދަލުކުރުމުގެ ގާބިލްކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.




