އިރުދެކުނު އޭޝިޔާގެ ދެ ގައުމު ކަމަށްވާ ތައިލެންޑާއި ކެމްބޯޑިޔާއިން، ދެ ގައުމުގެ ދެމެދުގައި ހިނގަމުންދިޔަ ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މެލޭޝިޔާގެ ކުއަލަ ލުމްޕޫރުގައި މިހާރު ކުރިއަށްދާ އިރުދެކުނު އޭޝިޔާގެ ގައުމުތަކުގެ އިއްތިހާދު (އާސިޔާން)ގެ ސަމިޓުގެ ހަވާސާގަ އެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޓްރަމްޕް ވަނީ ދެ ގައުމުގެ ވެރިންނާ މަޝްވަރާ ކުރައްވައި، ހަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމަށް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.
ދެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރީގައި، ޖުލައި މަހުގެ ތެރޭގައި ތައިލެންޑާއި ކެމްބޯޑިޔާގެ ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށިއެވެ. މި ހަމަލާތައް ފަސް ދުވަހުގެ މުއްދަތަކަށް ދިގުދެމިގެން ދިޔައިރު، ސަރަހައްދުގެ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެފައި ވެއެވެ. މި ސަރަހައްދީ މައްސަލައަށް ހައްލެއް ހޯދުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން މަސައްކަތް ކުރެވުމަށް ފަހު، މިހާރު ވަނީ ހަމަލާ މެދުކަނޑައިލުމުގެ ފުރިހަމަ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި ހަމަލާ މެދުކަނޑައިލުމަށް މެދުވެރިއަކަށް ވެވަޑައިގެންނެވުމުގައި ރައީސް ޓްރަމްޕްގެ ދައުރު ވަރަށް ބޮޑެވެ. މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި އެއްބަސްވުމަށް ދެ ގައުމުން އެއްބަސްވީ، ޙަމަލާ މެދުކަނޑައިނުލައިފި ނަމަ އެ ދެ ޤައުމާ އެކު ކުރަމުން ދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓައިލާނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެންނެވެ.
އެމެރިކާގެ އެންމެ އިސް ވެރިޔާގެ ސީދާ ހާޒިރުގައި މި އެއްބަސްވުމުގައި ސޮއިކުރެވުމަކީ، ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބެލެވެއެވެ.
މި އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، އާސިޔާން ސަމިޓުގެ ތެރެއިން މުހިންމު ނިންމުމެއް ވަނީ ނިންމާފައެވެ. އެގޮތުން، އެއްބަސްވުން ތަންފީޒުކުރަމުންދާ ކަން ކަށަވަރު ކުރުމަށް މެލޭޝިޔާއިން ވަނީ އެ ގައުމުގެ އަސްކަރީ ފައުޖެއް، ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ފޮނުވަން ނިންމާފަ އެވެ.
މި ފައުޖުތަކުން މޮނިޓަރީންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވީނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިހާތަނަށް މެލޭޝިޔާގެ ސިފައިން އެ ސަރަހައްދަށް ފޮނުވާފައި ނުވެއެވެ.




