ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތުގައި ޤާނޫނީ ވަކީލުންނަކީ ފަނޑިޔާރުންނަށް އެހީތެރިވާންޖެހޭ ބަޔެއްކަމަށް، އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަފަނޑިޔާރު މިގޮތަށް ވިދާޅުވީ، ބާ ކައުންސިލުން އަލަށް ޤާނޫނީ ވަކީލުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ވާހަކަފުޅުދައްކަވަމުންނެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ކޮންމެ ޤާނޫނީ ވަކީލަކީވެސް ޚަސްމުންގެ ޙައްޤުތައް ކަށަވަރުކޮށްދޭ މުހިންމު ފަރާތެއްކަމަށެވެ. އެހެންކަމުން، މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ފަނޑިޔާރުންނަށް މަޢުލޫމާތު ހިއްސާކުރުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއްކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އަދި، ހުރިހާ ވަކީލުންނަކީވެސް ޢަދުލު އިންސާފު ޤާއިމުކުރުމުގައި ފަނޑިޔާރުންނަށް އެހީތެރިވެދޭ މީހަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކާމިޔާބު ވަކީލަކަށްވުމަށްޓަކައި ވިސްނަންޖެހޭ މުހިންމު ނުކުތާތަކެއްގެ މައްޗަށް އަލިއަޅުވާލައްވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ ޤާނޫނީ ޢިލްމުގެ ތެރެއަށް ފީނައި، އެ ދާއިރާ ހަނިކޮށްލުމަކީ މުހިންމު ކަމެއްކަމަށެވެ.
“ފުރަތަމަ ކަމަކީ ޤާނޫނީ ޢިލްމުގެ ތެރެއަށް ފީނުން. ޤާނޫނީ ދާއިރާ ހަނިކޮށްލަންވީ. އެންމެ ޝައުޤުވެރިވާ ދާއިރާއަކަށް ޚާއްސަވާންވީ. އެ ދާއިރާއެއް ދިރާސާކުރަންވީ. ހުރިހާ ދާއިރާއަކަށް ވަންނަންވެއްޖިއްޔާ މަސައްކަތަކަށް ރަނގަޅަށް ތައްޔާރެއް ނުވެވޭނެ،” އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވަކާލާތުކުރާ މައްސަލަތައް ޚުލާސާކޮށް ހުށައެޅުމުގެ ހުނަރާއި ކަނުލައި އަޑުއެހުމުގެ ހުނަރު ތަރައްޤީކުރުމަށް ކޮންމެ ވަކީލަކުވެސް މަސައްކަތްކުރަންޖެހޭނެކަމަށެވެ. އަދި، ޤާނޫނީ ދާއިރާގެ މަސައްކަތްކުރާ ކޮންމެ ފަރާތަކުން ނިކަމެތިންނަށް ހިލޭސާބަހަށް (ޕްރޯ ބޯނޯ) މަސައްކަތްކޮށްދިނުމަށްވެސް އުއްތަމަފަނޑިޔާރު ވަނީ އެދިވަޑައިގެންފައެވެ. ނިކަމެތިންނަށް އެހީތެރިވެ ދިނުމަކީ ޤާނޫނީ ދާއިރާގެ އެއް އަޚްލާޤީ ވާޖިބުކަން އުއްތަމަފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ބާ ކައުންސިލުން ބޭއްވި މި ރަސްމިއްޔާތުގައި 19 ވަކީލަކު ވަނީ އަލަށް ހުވާކުރައްވާފައެވެ. ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. މި ވަކީލުންނާއެކު މިހާރު ރާއްޖޭގެ ބާ ކައުންސިލުގެ ދަފުތަރުގައި 1919 ވަކީލުން މިހާރު ތިބިކަމަށް ރަސްމިއްޔާތުގައި މަޢުލޫމާތު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ބާ ކައުންސިލްގެ އިސްވެރިންގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނާއި ޤާޟީން އަދި ޤާނޫނީ ދާއިރާގެ ލެކްޗަރަރއިން ބައިވެރިވެވަޑައިގެންނެވިއެވެ.



