މިދިޔަ ހަފުތާގެ ތެރޭގައި އެކި ބާވަތްތަކުގެ ސްކޭމްތަކުގައި ޖެހި، ރައްޔިތުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ތިން ލައްކަ ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސްކޭމްއާއި ދެކޮޅަށް މަސައްކަތް ކުރާ ފުލުހުންގެ ޔުނިޓުން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ބުނިގޮތުގައި، އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތަކެވެ.
ފުލުހުން އާންމުކުރި ތަފާސްހިސާބުތައް ހިމެނެނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ރިޕޯޓުކުރި މައްސަލަތަކެވެ. އެ މުއްދަތުގައި ޖުމްލަ 35 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، ގެއްލުނު ފައިސާގެ ޖުމްލަ އަދަދު ވަނީ 372،515.59 ރުފިޔާއަށް އަރާފައެވެ. ނަމަވެސް، ފުލުހުންގެ މަސައްކަތުން މި އަދަދުގެ ތެރެއިން 148،781.94 ރުފިޔާ ވަނީ ހޯދައިފައެވެ.
ރިޕޯޓުކުރި މައްސަލަތައް ބަލާއިރު، އެންމެ ގިނައީ އޮންލައިން ވިޔަފާރީގައި އޮޅުވާލުމުގެ 13 މައްސަލައެވެ. މީގެ އިތުރުން ފައިސާ ބަދަލުކުރުމުގައި އޮޅުވާލުމުގެ ހަ މައްސަލައާއި، ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލަ ހިމެނެއެވެ. އަދި ފިޝިންއާއި ވިޝިންއާއި ވަޒީފާ ދިނުމާ ގުޅޭ ހަ މައްސަލަ ވެސް ރިޕޯޓުކޮށްފައިވެއެވެ. ސްކޭމަރުން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި ފޯންކޯލާއި، އައިބޭ، އޮންލައިން މެސެޖިން އެޕްތައް، ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.
ފުލުހުން ބުނީ، ޒަމާނަށް އަންނަ ބަދަލުތަކާއެކު، މަކަރާއި ހީލަތް ހެދުމުގައި އައު އުކުޅުތައް ބޭނުންކުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ސަމާލުކަން އިތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ އިލްތިމާސްތަކުގެ ތެރޭގައި، މީހަކަށް ނުވަތަ ބަޔަކަށް ފައިސާ ފޮނުވުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދު ވެސް ކަށަވަރުކުރުމާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަންހެދުން ހިމެނެއެވެ.



