ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ގެނައުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރިޔަށް ގެންދަވާ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ކުޅިވަރުގެ ދާއިރާގެ ކަންކަން ފާހަގަ ކުރައްވައި، ދަނޑަށް ބޭނުންވާ ލައިޓް ލިބުނުހާ އަވަހަކަށް ފެނަކައިން އެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން، ލައިޓް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ފެނަކައިން އެ މަސައްކަތް ފެށުމަށް ބޭރުން ގެންނަންޖެހޭ ލައިޓް ގެނައުމުގެ ކަންކަން އެބަދޭ ކުރިޔަށް މިއަންނަ މަސް ނުވަތަ މި މަސް ނިމޭ ހިސާބަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ތަކެތި ގެނެވޭނެކަމަށް.“ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތާއި ޓާފް އެޅުމުގެ މަސައްކަތްވެސް އެކުއެކީގައި ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި ކުރެންދޫ ފުޓްސަލް ދަނޑުގެ ފެންސްގައި ދަބަރުޖަހާފައި ހުރުމާއެކު އެ ފެންސް އައުކުރުމަށްވެސް ސަރުކާރުން އެހީތެރިކަން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ކުޅިވަރުގެ ދާއިރާއިން ކުރެންދޫއަށް ބޭނުންވާ އެހެނިހެން ކަންކަންވެސް ފާހަގަކުރައްވާފައެވެ.



