ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނޭހެން ޅ. ހިންނަވަރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޅ. ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ހިންނަވަރުގައި ހިއްކި ބިމުގައި އަސާސީ ޚިދުމަތްތައް އަދިވެސް ޤާއިމުކުރެވިފައި ނުވެއެވެ. އެހެންކަމުން، އެ ބިމަށް ފެނާއި ކަރަންޓްލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުއްޓިފައިވާ ހިންނަވަރު ހައުސިން މަޝްރޫޢުގެ މަސައްކަތް، ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުންކަމަށް ވިދާޅުވެ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އިތުރު 100 ހައުސިން ޔުނިޓް ހިންނަވަރުގައި އަޅުއްވައިދެއްވާނެކަމުގެ ވައުދު ރައީސް ވަނީ ވެވަޑައިގެންފައެވެ.
ތަޢުލީމާއި ޚިދުމަތުގެ ދާއިރާއިންވެސް ގިނަ މަޝްރޫޢުތަކެއް ހިންނަވަރުގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ޤައުމީ ޔުނިވަރސިޓީގެ ދަނާލާއި ކެމްޕަސް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާނެއެވެ. އަދި ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި އެޑްމިން ބްލޮކްގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާނެއެވެ.
މީގެ އިތުރުން، ބިންގާ އެޅުނު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗްގެ މަސައްކަތް ނިމި، އަންނަ އަހަރުގެ މާރޗް މަހު ޚިދުމަތް ދެވެން ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަމާންވެށްޓެއް ޤާއިމުކުރުމަށްޓަކައި، އަލަށް ބިންގާ އެޅުނު ފުލުހުންގެ މަރުކަޒާއެކު ރަށަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
”ފުލުހުންގެ ޚިދުމަތް ދިނުމަށް ބޮޑު މަރުކަޒެއް އަޅަން މި ފެށުނީ. ވަރަށް މުހިންމުކަމެއް މިފަދަ އާބާދީ ބޮޑު ރަށެއްގައި ރަނގަޅު ފެންވަރުގައި ޚިދުމަތްދެވޭ ފުލުހުންގެ މަރުކަޒެއް ހުރުމަކީ. އަމާންވެށްޓެއް ޤާއިމުކުރުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ.“ ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން، އަލަށް ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އަވަސްކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ސްވިމިން ޓްރެކެއްވެސް ހިންނަވަރުގައި އަޅުއްވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ހިންނަވަރުގެ ބަނދަރަށް ގެންނަން ބޭނުންވާ ދެ ބަދަލެއްގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެއީ ބޭރު ތޮށި އުސްކުރުމާއި، ބޭރު ތޮށީގައި އޮޑިދޯނިފަހަރު އެޅޭ ގޮތް ހެދުމެވެ. މި މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ހުރިހާ މަޝްރޫޢުތަކާއެކު ހިންނަވަރުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.



