ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ފައުންޑޭޝަނުން، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގައި މާސްޓާސް ފެންވަރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށް، ތިން ސްކޮލަޝިޕްގެ ފުރުސަތަކަށް މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލަޝިޕްތަކަކީ ދިވެހި ޒުވާނުންގެ ތެރެއިން ދީނީ އަދި އިދާރީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން ފަހިކޮށްދިން ފުރުސަތެކެވެ.
މައުމޫން ފައުންޑޭޝަނުން ހުޅުވާލި މި ތިން ސްކޮލަޝިޕް ވެސް ހާއްސަކޮށްފައި ވަނީ އިސްލާމިކް ޔުނިވަސިޓީގައި ހިންގާ ވަކިވަކި މާސްޓާސް ކޯސްތަކަށެވެ. އެގޮތުން ހިމެނޭ ކޯސްތަކަކީ މާސްޓާ އޮފް ފިޤްހް އާއި މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެންޑް މިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޤުރްއާނިކް ސައިންސް އެވެ.
މި ތިން ސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުންގެ ކިޔެވުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް މައުމޫން ފައުންޑޭޝަނުން ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ. ނަމަވެސް ސްކޮލަޝިޕް ލިބޭ ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިސްލާމިކް ޔުނިވަސިޓީގެ ފަރާތުންނެވެ.
މައުމޫން ފައުންޑޭޝަނުން ވަނީ މަތީ ތައުލީމަށް ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަކޮށްފައެވެ. ފައުންޑޭޝަނުން ބުނީ މިފަދަ ފުރުސަތުތަކަކީ ދިވެހި ގާބިލު ޒުވާނުން ބިނާ ކުރަން ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށެވެ.
މި ސްކޮލަޝިޕްތަކުގެ ސަބަބުން އިސްލާމީ ޝަރީޢަތާއި އިދާރީ ދާއިރާގެ ގާބިލު ބޭފުޅުން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ފައުންޑޭޝަނުން އުންމީދު ކުރެ އެވެ.



