ދިވެހިރާއްޖެއިން އައި.އެސް.އޭ ގެ 8 ވަނަ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެއްޖެއެވެ.
މި ޖަލްސާގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިޔުޓީ މިނިސްޓަރ ޙުސައިން އަގީލް ނަޞީރު، ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޢަލީ އަދި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އައިޝަތު އަޒީމާ ހިމެނޭ ދިވެހި ވަފުދެއް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ޖަލްސާ ބޭއްވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޤައުމުތަކާ ގުޅިގެން އިރުގެ ބާރުން ހަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމެވެ. ދިވެހި ވަފުދުން ވަނީ މި ދާއިރާއިން ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތްތައް ކުރުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އައި.އެސް.އޭ އަކީ އިރުގެ ބާރުން ހަކަތަ އުފެއްދުމަށް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ސާފު ހަކަތަ ބޭނުންކުރުން ފުޅާކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ. މި މަޖިލިހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ޤައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެ، ދެމެހެއްޓެނިވި ހަކަތައިގެ މަސްދަރުތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކަށް ވަރަށް ބޮޑަށް ހުށަހެޅިފައިވާ ކުޑަ ޤައުމެކެވެ. އެހެންކަމުން، ކާބަން ބޭނުންކުރުން މަދުކޮށް، ސާފު އަދި ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދެއެވެ.
މި ޖަލްސާގައި ބައިވެރިވުމަކީ، ދިވެހިރާއްޖޭގެ މި މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށް ދިވެހި ވަފުދުން ފާހަގަކުރައްވައެވެ.



