އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީއިން ބުނީ، މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ދަށުން މިވަގުތު ކުރިއަށް ދަނީމިރިހި ގޯޅީގައި ސްޓޯރމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.
އަދި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ސްޓޯރމް ވޯޓަރ ޓޭންކް ބެހެއްޓުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް އާރްޑީސީއިން ބުންޏެވެ.

ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، މަހިބަދޫ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.
މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އާރްޑީސީއާ މި މަސައްކަތްހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މިއީ ދައުލަތުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާރްޑީސީން އަންނަނީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ.



