ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނުލިބޭނެ ކަމަށް އިސްރާއީލުން ބުނެފި އެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ކާޒް ބުނީ، ހަމާސްގެ ލީޑަރުންނަކީ ސޫޓް ލީ މީހުންނާއި ބިންގަރާހުގައި ތިބި މީހުން ކަމުގައި ވިޔަސް، އެއްވެސް މީހަކަށް ހިމާޔަތް ނުލިބޭނެ ކަމަށެވެ.
މިހެން އިސްރާއީލުން ބުނީ، ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހަމާސް އިން ހިލާފުވެފައިވާ ކަމަށް ބުނެ، ރޭ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގަ އެވެ.
ކާޒްގެ ބުނިގޮތުގައި ޓެރަރިސްޓް ހަމާސް ޖަމާއަތުގެ އެއްވެސް ލީޑަރަކަށް ހިމާޔަތެއް ނޯންނާނެއެވެ. ގަތަރާއި އެހެން ގައުމުތަކުގައި ތިބި ހަމާސްގެ ލީޑަރުންނަށް ވެސް މި އިންޒާރު ރައްދުވާނެ ކަމަށް ކާޒް ބުންޏެވެ.
އިސްރާއީލްގެ ސިފައިންގެ މީހަކާ ދެކޮޅަށް އުފުލައިފި ކޮންމެ އަތެއް ބުރިކޮށްލާނެ ކަމަށާއި، ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ކުރިއަށް ގެންދިއުމަށް ސިފައިންނަށް އަންގާފައިވާ ކަމަށެވެ.
ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިސްރާއީލުން އިންޒާރު ދީފައި ވާއިރު ގަތަރަކީ އޮކްޓޫބަރު 7، 2023 އިން ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ފެށި ހަމަލާތައް ނިމުމަކަށް ގެނެސް އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް މެދުވެރިއެއްގެ ދައުރު އެންމެ ބޮޑަށް އަދާކުރި ގައުމެވެ.
އަދި މި މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމަށް ޔަގީންކަން ދިން ގައުމުތަކުގެ ތެރޭގައި ވެސް ގަތަރު ހިމެނެ އެވެ.
މީގެ ކުރިން ވެސް އިސްރާއީލުން ވަނީ ސުލްހައިގެ މަޝްވަރާގައި ހަމާސްގެ ފަރާތުން ބައިވެރިވާ ލީޑަރުން ގަތަރުގައި މަޝްވަރާކުރަމުން ގެންދަނިކޮށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެތަނަށް ވެސް ހަމަލާ ދީފައެވެ. އެ ހަމަލާއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ނުރުހުންވެ އިސްރާއީލަށް ފާޑު ވިދާޅުވެފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެ، ޓްރަމްޕުގެ 20 ނުކުތާގެ ހުށަހެޅުމަށް ހަމާސް އާއި އިސްރާއީލާއި އެއްބަސްވީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.




