އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރާއި ޕާކިސްތާނާ ދެމެދު ކުރަމުން ދިޔަ ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެ، ޕާކިސްތާނުން ޠާލިބާނުން ނައްތައިލާނެ ކަމުގެ ވަރުގަދަ އިންޒާރެއް ދީފައެވެ.
ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލައި، ސުލްޙަ ޤާއިމު ކުރުމަށްޓަކައި ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވި މި މަޝްވަރާތައް ނިމިގެން ދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.
މި މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބި ނިމުމަކަށް އައިސްފައިވާ ކަން އިޢުލާނު ކުރެއްވީ ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން މި ނާކާމިޔާބީ ސިފަކުރަނީ ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.
މަޝްވަރާތައް ނާކާމިޔާބުވުމާ އެކު ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރަން ފެށުމުގެ ސަބަބުން ސަރަޙައްދީ މަސްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޕާކިސްތާނުން ވަނީ މަޝްވަރާތައް ނާކާމިޔާބުވުމުގެ ޒިންމާ ޠާލިބާނުންގެ ކޮނޑުގައި އަޅުވައި، ނުރުހުން ފާޅުކޮށްފައެވެ. މަޞްދަރުތަކުން ބުނާ ގޮތުގައި، މަޝްވަރާތައް ފޭލުވީ ޕާކިސްތާނުގައި ނިރުބަވެރި އަމަލުތައް ހިންގާ ގުރޫޕުތަކަށް އަފްޣާނިސްތާނުގެ ސަރުކާރުން ޙިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ކުރާ ތުހުމަތުތަކަށް ޠާލިބާނުން އިންކާރު ކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު ޢާޞިފް ވަނީ ޠާލިބާނުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ޠާލިބާނުން ސަރުކާރު އެއްކޮށް ނައްތައިލައި، އެ މީހުން އައި ހޮހޮޅަތަކަށް އަނބުރައި ފޮނުވައިލުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ފުރިހަމަ ޤާބިލުކަން ވެސް ބޭނުން ކުރަން ނުޖެހޭނެ ކަމަށެވެ.
މި އިންޒާރުގެ ރައްދުގައި ޠާލިބާނުންގެ ސަރުކާރުގެ ދިފާޢީ ވުޒާރާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި މަހުގެ ތެރޭގައި ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި ދޮޅަހަކަށް ވުރެ ގިނަ މީހުން މަރުވިއެވެ. މިއީ، 2021 ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން، ދެ ޤައުމުގެ ދެމެދުގައި ބަދަލު ކޮށްފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.
ނަމަވެސް، ޤަޠަރުގެ ދަވްޙާގައި ކުރި މަޝްވަރާތަކަކަށް ފަހު އޮކްޓޫބަރު 19 ވަނަ ދުވަހު ދެ ޤައުމުން ވަނީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައެވެ. އިސްތަންބޫލުގައި ބާއްވާފައި ވަނީ އެ ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރެވެ.
މި މަޝްވަރާތައް ބޭއްވުމުގައި މެދުވެރިންގެ ދައުރު އަދާކުރަމުން ދަނީ ޤަޠަރާއި ތުރުކީވިލާތުންނެވެ.
ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރު ޢަޠާއުالله ތާރަރް ވިދާޅުވީ، އަފްޣާނިސްތާނުގެ މަންދޫބުން ދިޔައީ އަސްލު މައްސަލައަށް އިސްކަން ދިނުމަށް ދެކޮޅު ހަދަމުން، މަޝްވަރާތައް ފަށާފައި ވަނީ އެ ކަންކަމާ ގުޅޭ ގޮތުން ޙައްލުތަކެއް ހޯދުމަށް ކަމަށެވެ.
ޕާކިސްތާނުގައި ނިރުބަވެރި އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ’ޕާކިސްތާން ޠާލިބާން‘ (TTP) އަށް އަފްޣާނިސްތާނުން ހިމާޔަތް ދިނުމުގެ މައްސަލަ ހައްލު ނުވެ މަޝްވަރާތައް ފޭލުވުމަކީ ސަރަޙައްދީ ހަމަޖެހުމަށް އިތުރު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމުގެ ނިޝާނެކެވެ.



