ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީއަށް އަނިޔާވެ، 4 ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 22 އަހަރުގެ މިޑްފީލްޑަރުގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް ހަތަރެއް ނުވަތަ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހިދާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިސީޒަނުގައި ބާސެލޯނާ އިން ކުޅުނު ހުރިހާ މެޗެއްގައިވެސް ބާސާގައި މިހާރު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕެޑްރީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ސްޕެއިންގެ ޤައުމީ ޓީމާއި ބާސެލޯނާ އެންމެ ފަހުން ކުޅުނު ޖުމްލަ 49 މެޗުގައި ވެސް އޭނާ ވަނީ ކުޅެފައެވެ. ނަމަވެސް މިވަގުތު ޕެޑްރީ ހުރީ ސަސްޕެންޝަނެއްގައެވެ.
ލަލީގާގައި ބާސެލޯނާ އިން އެންމެ ފަހުން ވާދަވެރި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެއްކި ދެވަނަ ރީނދޫކާޑާއެކު އެމެޗުގައި ޕެޑްރީއަށް ރަތްކާޑު ދެއްކިއެވެ.
އެހެންކަމުން، ލީގުގައި އެޓީމުން ނޮވެންބަރު ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި އެލްޗޭ އާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ޕެޑްރީ ވަނީ ސަސްޕެންޑްވެފައެވެ.
މީގެ އިތުރުން މި އަނިޔާގެ ސަބަބުން ޕެޑްރީއަށް ބައެއް މުހިއްމު މެޗުތައް ގެއްލިގެންދާނެއެވެ.
އޭގެ ތެރޭގައި ޗެންޕިއަންސް ލީގުގައި ކުލަބު ބުރޫޖް އާއި ދެކޮޅަށް ރަށުން ބޭރުގައި ބާސެލޯނާ ކުޅޭ މެޗާއި، ވޯލްޑްކަޕް ކޮލިފައިންގައި ޖޯޖިއާ އަދި ތުރުކީ އާއި ދެކޮޅަށް ސްޕެއިންގެ ޤައުމީ ޓީމުން ކުޅޭ މެޗުތައް ވެސް ހިމެނެއެވެ.



