ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ”ޖެނަރޭޝަނަލް ބޭން” އާ ގުޅިގެން، ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ޓެލެތޯން ފަށައިފިއެވެ.
މި ޓެލެތޯން ފަށާފައިވަނީ މިއަދު ހަވީރު 3:45 ގައެވެ. މި ޓެލެތޯންގެ މައިގަނޑު މަޤްޞަދަކީ، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުވައި، އެކަމަށް ހޭލުންތެރިކުރުވުމެވެ.
މި ޓެލެތޯން މިރޭވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ. މި ޓެލެތޯންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ، ދީނީ އަދި ޤާނޫނީ ގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢޫރުތައް ގެނެސްދިނުން މި ޓެލެތޯންގެ ތެރޭގައި ހިމެނެއެވެ.
ޖެނަރޭޝަނަލް ބޭންގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައްވެސް ޓެލެތޯންގެ ތެރެއިން ގެނެސްދޭނެއެވެ. އެކުވެނި ޓްރެކްގައި ކުރިއަށްދާ މި ދުވުން ފަށާފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުގައެވެ.
ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި، އެޑްވޮކެސީ ސްޓޯލާއި، ލައިވް މިއުޒިކާއި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ މި ދުވުން ނިންމާލުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.



