ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތަކުގެ މައިގަނޑު ތަފްސީލުތައް، ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
މި ބަދަލުތައް ހިމެނޭ ޕޭ ހާމަނައިޒޭޝަން ފްރޭމްވޯކްގެ ދަށުން، މިހާތަނަށް މުސާރަ ބޮޑުނުކުރެވި ތިބި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ލާބަ ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހާމަކުރި މައުލޫމާތުގައި ވަނީ 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަށް ގެންނަ ބަދަލުތަކުގެ އުސޫލުތަކެވެ.
އެ ދާއިރާތަކަކީ ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް، އެޑިއުކޭޝަނަލް ސާވިސް، ހެލްތު ސާވިސް، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސް، ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް، ޕްރޮޓެކްޓިވް ސާވިސް، ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް، އަދި ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށެވެ.
ކުރީގެ ސަރުކާރުން ވަނީ ޕްރިންސިޕަލުންނާއި ޓީޗަރުން، ނަރުހުންނާއި ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އާ ޕޭ ފްރޭމްވޯކްގައި ފަންނުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ އެ ފަންނެއްގެ ފަންނުވެރިކަމަށާއި އުފުލަންޖެހޭ ބުރަ އަދި މަސައްކަތްކުރަންޖެހޭ މާހައުލު ފަދަ ކަންކަމަށް ބަލައިގެންނެވެ.
އޭނާ ވިދާޅުވީ، މުސާރަ އާއި އިނާޔަތްތަކުގެ ތެރޭގައި އެ ފަންނެއްގައި ނަގަން ޖެހޭ ރިސްކަށް ބަލާނެ ކަމަށާއި، ކުރިން ދޭ ގޮތަށް ރިސްކު އެލަވަންސްގެ ގޮތުގައި ވަކި އެލަވަންސެއް ނުދިނަސް، މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން ރިސްކަށް ހުށަހެޅޭ މީހުންނަށް ބަދަލު ދޭނެ ކަމަށެވެ.
މިނިސްޓްރީން ވަނީ ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ބޭސިކް މުސާރަ، މިނިމަމް ވޭޖަށް ވުރެ ކުޑަނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެއްވެސް މުވައްޒަފަކަށް މިހާރު ލިބޭ މުސާރަ އާއި އެލަވަންސްތައް، އާ ޕޭ ފްރޭމްވޯކަށް ބަދަލުވާއިރު މަދު ނަމަ، އެ މުވައްޒަފަކަށް މައިގްރޭޝަން އެލަވަންސެއް ހަމަޖައްސައިދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި އެލަވަންސް ދޭނެ އުސޫލުތައް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ސިވިލް ސާވިސްގައި 30,436 މުވައްޒަފުން މަސައްކަތް ކުރެއެވެ. މި ބަދަލުގެ ފުރިހަމަ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން މާދަމާ ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.



