ނަސްރުގެ ދުވަހަށް ތައްޔާރު ވުމުގެ ގޮތުން މިރޭ މާލޭގައި ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މިރޭ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ފަރިތަކުރުމުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔާކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިފައިވެއެވެ.
ކޮންމެ އަހަރެއްގައިވެސް ނަސްރުގެ ދުވަސް ފާހަގަ ކުރަނީ ނުވެމްބަރު 3 ވަނަ ދުވަހުގައެވެ. އެއީ ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ.
މިއަހަރުވެސް ނަސްރުގެ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއިން ދަނީ ތައްޔާރު ވަމުންނެވެ.




