ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ދުވުން ކަމަށްވާ ”ނޭޝެނަލް ޓޯޗް ރަން“ގައި ޖުމްލަ 8959 މީހުން ބައިވެރިވެ ދުވެފިއެވެ.
”ނޭޝެނަލް ޓޯޗް ރަން“އަކީ މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ ”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އާއި ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.
މިއީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ދުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ދުވުން ކުރިއަށްގެންދިޔައީ އިއްޔެ ހަވީރު 4އިން ފެށިގެން މިއަދު ހަވީރު 4އަކާ ހަމައަށް ޖުމްލަ 24 ގަޑިއިރަށެވެ.

މާލޭ އެކުވެނި ޓްރެކުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުޅިވަރު ދާއިރާގެ އެތުލީޓުން، ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތައް، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެސް ވަނީ ހިމެނިފައެވެ.
މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ ހެލްތް މިނިސްޓްރީން އިސްނަގައިގެންނެވެ. މީގެއިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ކުންފުނިތަކުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން މި ހަރަކާތަށް ލިބިފައިވެއެވެ.




